8
ދާއޫދުގެފާނުގެ ކާމިޔާބީތައް
އޭގެ ފަހުން ދާއޫދުގެފާނު ފިލިސްޠީނުންނާ ހަނގުރާމަ ކުރައްވައި، އެމީހުންގެ އަތްދަށުގައި އޮތް އެމީހުންގެ ބޮޑު ރަށެއް ކަމަށް ވާ ޒިމާމަލް ޤަޞަބަތި ވެސް އަތުލެއްވިއެވެ.
އަދި ދާއޫދުގެފާނު މުއާބުންގެ ބިން ވެސް ފަތަޙަ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މުއާބުންގެ ގައިދީންތައް ބިންމަތީގައި އަތުރުއްވައި ކޮންމެ ތިން މީހެއްގެ ތެރޭން ދެ މީހުން ގަތުލުކުރައްވައި މުއާބީންގެ އެންމެން ދާއޫދުގެފާނުގެ މިލްކެއްގެ ގޮތުގައި ހަމަ ޖައްސަވައި އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެއްސެވިއެވެ.
މީގެ އިތުރުން ދާއޫދުގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ ލަޝްކަރުވެސް ބަލިކުރެއްވިއެވެ. އެއީ ފުރާތު ކޯރުގެ ސަރަހައްދުގެ މައްޗަށް އަލުން ބާރުވެރިވެގަތުމަށް އެމީހުން އައިސް އުޅެނިކޮށެވެ.
ދާއޫދުގެފާނު އެލަޝްކަރުގެ އެއްހާސް ހަތް ސަތޭކަ އަސްވާރުންނާއި ވިހިހާސް ފައިމަތީ ސިފައިން* އަތުލެއްވިއެވެ. އަދި ސަތޭކަ އަސްގާޑިޔަލަށް ވާވަރަށް އަސްތައް ބަހައްޓަވައި އެނޫން ހުރިހާ އަސްތަކެއްގެ ފަހަތުފައި ކޮރު ކުރެއްވިއެވެ.
ހަދަދުޢަޒަރުގެ މީހުންނަށް އެހީވުމަށް ސީރިއާގެ އަރާމީން އައުމުން އެކަލޭގެފާނު އެމީހުންގެ ބާވީސްހާސް ސިފައިން ގަތުލު ކުރެއްވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.
ދާއޫދުގެފާނު ހަދަދުޢަޒަރުގެ އޮފިސަރުންގެ އަތުގައި ހުރި ރަނުގެ އައްޑަނަތައް ޖެރޫސަލަމަށް ގެންނެވިއެވެ. އަދި ޙަދަދު ޢަޒަރުގެ ބާރުގެ ދަށުގައިވާ ބައިރޫތާއި ބާޠިޙުގައި ހުރި ގިނަ އަދަދެއްގެ ކަފުލޮއިގެ ތަކެތިވެސް ގެންދެވިއެވެ.
ޙަމާތުގެ ރަސްގެފާނު ތޫޣީއަށް، ދާއޫދުގެފާނު ހަދަދުޢަޒަރުގެ ހުރިހާ ސިފައިން ބަލިކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން، 10 އެރަސްގެފާނުގެ ދަރިކަލުން ޔޫރާމް ދާއޫދު ރަސްގެފާނުގެ އަރިހަށް މަރުހަބާއާއި ހެޔޮދުޢާ ސަލާމާއިގެން ފޮނުއްވިއެވެ. އަދި އޭނާ އައީ ރަނާއި ރިއްސާއި ކަފުލޮއިގެ ތަކެތިވެސް ހިފައިގެންނެވެ. (މިއިރު ތޫޣޫއާ ވަނީ ހަދަދުޢަޒަރުއާ ހަނގުރާމަ ކުރެއްވުން މަތީގައެވެ.)
11 ދެން ދާއޫދު ރަސްގެފާނު މި ގެންނެވި ހުރިހާތަކެއްޗެއް މާތްރަސްކަލާނގެއަށް ޚާލިސް ކުރައްވައިފިއެވެ. އަދި އެކަލޭގެފާނު އެހެނިހެން ރަށްރަށުން އަތުލައިގެންނެވި ރަންރިހިފަދަ ތަކެއްޗާމެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ. 12 އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫންވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ.
13 ދާއޫދުގެފާނު ލޮނުގެ ވާދީގައި ކުރެއްވި ހަނގުރާމައިގައި އަށާރަހާސް އަދޫމީ ސިފައިން މަރުއްވައި ހޯއްދެވި ކާމިޔާބީއަށް ފަހު އެނބުރިވަޑައިގަތުމުން އެކަލޭގެފާނުގެ މަގުބޫލުކަން ވަރަށް މަތިވިއެވެ.
14 އެކަލޭގެފާނު އަދޫމްގައިވެސް ސިފައިންގެ ބައިގަނޑެއް ބައިތިއްބެވިއެވެ. އެއާއެކު އަދޫމީންގެ އެންމެންވެސް ދާއޫދުގެފާނުގެ ބާރުފުޅުގެ ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ފަތަޙަ ދެއްވިއެވެ.
15 މިގޮތުގެ މަތިން ދާއޫދުގެފާނު އެންމެހައި އިސްރާއީލީންގެ މައްޗަށް ވެރިކަން ހިންގެވިއެވެ. އަދި އެމީހުންގެ މައްޗަށް ހެވާއި އިންސާފު ގެންނެވިއެވެ.
16 އޭރު އެކަލޭގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރީ ސަރޫވިޔަތުގެ ދަރި ޔުއާބެވެ. އަޚީލޫދުގެ ދަރި ޔޫޝާފާތު ހުރީ އެކަލޭގެފާނުގެ ތާރީޚު ލިޔާ މީހަކަށް. 17 އަޚީޠޫބުގެ ދަރި ސަދޫގުއާއި އަބީޔާތަރުގެ ދަރި އަޚީމާލިކު އަކީ އިމާމުންނެވެ. ސަރާޔާއަކީ ކޮއިލުގެ ކާތިބެވެ. 18 އަދި ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ އެކަލޭގެފާނުގެ ހަށިފާރަވެރިންގެ އިސްމީހާއެވެ. އަދި ދާއޫދުގެފާނުގެ ދަރިންނަކީ ޝާހީ މުޝްތަޝާރުންނެވެ.
* 8:4 8‏:4 އެއްހާސް ހަތް ސަތޭކަ އަސްވާރުންނާއި ވިހިހާސް ފައިމަތީ ސިފައިން ބައެއް ޢިބްރާނީ ލިޔުންތަކުގައި ވަނީ އެއްހާސް އަސްގާޑިޔަލާއި ހަތްހާސް އަސްވާރުން ކަމުގައެވެ. 8:18 8‏:18 މިމީހުންނަކީ ދާއޫދުގެފާނުގެ ސިފައިންގެ ތެރޭ ހަށިފާރަވެރިންގެ ގޮތުގައި ބީރައްޓެހި ރަށްތަކުން ގެނެވިފައިތިބޭ ބައެކެވެ. މިމީހުންނަށް ޢިބްރާނީ ބަހުން ކިޔަނީ ކަރީތީންނާއި ފިލީތީންނެވެ.