19
ޝާއުލްގެފާނު ދާއޫދުގެފާނު އަވަހާރަކޮށްލަން އުޅުއްވުން 
 
1 ޝާއުލްގެފާނު ޔޫނަތައިން އަށާއި އެކަލޭގެފާނުގެ އަރިސް މީހުންނަށް ދާއޫދު މަރާލަން އެންގެވިއެވެ. އެހެނަސް ޔޫނަތައިން ދާއޫދާ މެދު ނުހަނު ރުހިގެން ވިއެވެ.  
2 ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.  
3 އަހަރެން އަންނާނަން ބައްޕަ ގޮވައިގެން ކަލޭ ފިލާ އޮތް ތަނަށް. ބައްޕަ ގާތު ކަލެއާ ބެހޭގޮތުން އަހަރެން ވާހަކަ ދެއްކީމާ ވާގޮތެއް ކަލޭ ގާތު ބުނާނަން.“  
4 ހެނދުނު ޔޫނަތައިން އޭނާގެ ބައްޕަ ގާތަށް ގޮސް ދާއޫދަށް ތައުރީފުކޮށް ބައްޕަ ގާތު ވާހަކަ ދައްކަމުން ދިޔައެވެ. ”ބައްޕާފުޅު ތީ ރަސްގެފާނު. އޭނާއަކީ ބައްޕާފުޅުގެ ޚާދިމެއް. އޭނާ ބައްޕާފުޅަކަށް ދެރަގޮތެއް ނުހަދާނެ. އަދި އޭނާ ކުރިއްޔާ ކުރި ހުރިހާ ކަމެއް ކުރީ ބައްޕާފުޅަށް ފައިދާ ވާނެ ގޮތަށް.  
5 އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟“   
6 ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.“   
7 ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.   
8 ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.  
9 އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ.  
10 ޝާއުލްގެފާނު އުޅުއްވީ ލޮންސިން ޖަހައި ދާއޫދު ފާރަށް އަމުނާލާށެވެ. އެކަމަކު ދާއޫދު ރެކިގަތުމުން ލޮންސި ގޮސް ފާރަށް ހެރިއްޖެއެވެ. ދާއޫދު އެރޭ ވެސް ސަލާމަތް ވެގަނެގެން ދުވެ ރައްކާވެއްޖެ އެވެ.   
11 އެރޭ ދާއޫދުގެ ގޭދޮށަށް ޝާއުލްގެފާނުގެ ސިފައިން ފޮނުވިއެވެ. އެއީ ވަރަށް ހެނދުނު އޭނާ ނުކުންނަ ތަނުން މަރާލުމަށެވެ. ދާއޫދުގެ އަންހެނުން މީކާލް އޭނާއަށް ޚަބަރު ކުރިއެވެ. ”މިރޭ ކަލޭ ނުފިލައިފި ނަމަ މާދަމާ އިރު އަރާއިރު އެމީހުން ކަލޭ މަރާލާނެ.“  
12 މިހެން ކިޔާފައި މީކާލް ކުޑަދޮރަކުން ދާއޫދު ބޭރުކޮށްފި އެވެ. ދާއޫދު ފިލާ ރައްކާވެއްޖެ އެވެ.  
13 ދެން މީކާލް ކުރި ކަމަކީ ދާއޫދުގެ އެނދުގައި ބުދެއް ބާއްވައި ރަޖާގަނޑެއް އަޅުވައި ބަކަރި ކެހެރިގަނޑެއް ބޯލާކޮޅު ބާއްވައިފި އެވެ.  
14 ޝާއުލްގެފާނު އޭނާ ބަލާ ފޮނުއްވީމާ މީކާލް ބުންޏެވެ. ”އޭނާ އޮތީ ބަލިވެ.“   
15 ޝާއުލްގެފާނު އަނެއް ފަހަރު ދާއޫދު ބަލާ ފޮނުއްވިއެވެ. ”އޭނާ އޮތް އެނދާ އެކު ނަގައިގެން އާދޭ. އޭރުން އަހަރެން އޭނާ މަރާލާނަން.“  
16 އެމީހުން އެތެރެއަށް ވަދެ ބަލާލިއިރު އޮތީ ބޯލާކޮޅުގައި ބަކަރި ކެހެރި ގަނޑެއް ބާއްވާފައިވާ ބުދެކެވެ.   
17 ޝާއުލްގެފާނު މީކާލަށް ވިދާޅުވިއެވެ. ”ކަލޭ އަހަންނަށް ކެހި ދިނީ ކީއްވެތަ؟ އަހަރެންގެ އަދާވާތްތެރިޔާ ކަލޭ ތިޔަ ދިޔަ ދިނީ ކީއްވެ؟“ މީކާލް ދެންނެވިއެވެ. ”އޭނާ ފިލައި ރައްކާވާން އެހީ ނުވެއްޖެއްޔާ އަޅުގަނޑު މަރާލާނަމޭ ބުނުމުން.“   
18 ޝާއުލްގެފާނުގެ އަތްދަށުން ސަލާމަތްވެގެން އޭނާ ދިޔައީ ޞަމޫއީލްގެފާނު ގާތަށް ރާމާ އަށެވެ. އަދި ޝާއުލްގެފާނު އޭނާއާ ދޭތެރޭ ކުރެއްވި ހުރިހާ ކަންތަކެއްގެ ވާހަކަ ކިޔައިދީފި އެވެ. ދެން ޞަމޫއީލްގެފާނާއި އެކު އޭނާ ނައިވަތަށް ގޮސް އެތަނުގައި ހުރެއްޖެއެވެ.   
19 ޝާއުލްގެފާނަށް ދާއޫދު ވީ ރާމާގެ ނައިވަތުގައި ކަން އެނގި ވަޑައިގެންފި އެވެ.  
20 ދެން އޭނާ ބަލާ ޝާއުލްގެފާނުގެ މީހުން ފޮނުއްވައިފިއެވެ. އެމީހުންނަށް ޞަމޫއީލްގެފާނު ނަބީބޭކަލުންގެ ތެރޭގައި އިސްވެ ހުރެ ވަޖިދުވަމުން ދާތަން ފެނުމުން މިމީހުންގެ މައްޗަށް މާތްކަލާނގެ މާތްރޫޙުފުޅު ފޮނުއްވުމުން މި މީހުން ވެސް އެފަދައިން ހަޅޭއްލަވައި ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.  
21 މި ޚަބަރު އިވިވަޑައިގެން ރަސްގެފާނު އަނެއްކާވެސް އިތުރު މީހުން ފޮނުއްވައިފިއެވެ. މި މީހުން ވެސް އެފަދައިން ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. ދެން ޝާއުލްގެފާނު ތިންވަނަ ފަހަރު ވެސް މީހުން ފޮނުއްވައިފިއެވެ. މިފަހަރު ފޮނުއްވި މީހުން ވެސް އެތަނަށް ގޮސް ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.  
22 އެންމެފަހުން ޝާއުލްގެފާނު އަމިއްލަފުޅަށް ރާމަތަށް ވަޑައިގެންނެވި މަގުމަތީގައި ސީޚޫގެ ވަޅުގެ ކައިރިއަށް ވަޑައިގެން ޞަމޫއީލާއި ދާއޫދު ކޮބައިހޭ ސުވާލު ކުރެއްވިއެވެ. އެމީހުން ދެންނެވިއެވެ. ”ރާމާގެ ކައިރީގައިވާ ނައިވަތުގައި.“  
23 އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަނިކޮށް މާތްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ވެސް ފޮނުއްވައިފިއެވެ. އެކަލޭގެފާނު ހަޅޭއްފުޅު ލައްވައި ވަޖިދުވަމުން އެހިސާބަށް ވަޑައިގެންފިއެވެ.  
24 ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”ޝާއުލް އަކީ ވެސް ނަބީއެއް ހޭ“ މީހުން ކިޔަނީ މިހެންވެއެވެ.