9
1 އަދި އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”އަހަރެން ބުނަންތަ؟ މިތަނުގައިމިވާ މީސްތަކުންގެ ތެރެއިން ބަޔަކު މާތްރަސްކަލާނގެ ރަސްކަންފުޅު މަތިވެރި ގަދަބާރުފުޅަކާއެކު އަންނަތަން ދެކެފައި ނޫނީ މަރެއްނުވާނެ.“
އީސާގެފާނުގެ ނޫރުފުޅު ފާޅުކުރެއްވުން
2 އޭގެ ހަ ދުވަސް ފަހުން މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އީސާގެފާނު އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި، ޔާމިޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެތަނުގައި އެބޭކަލުން ބަލަން ތިއްބާ އީސާގެފާނުގެ ސޫރަފުޅު ބަދަލުވެގެން ދިޔަތަން އެބޭކަލުންނަށް ފެނުނެވެ.
3 އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ހުދުކުލައިން ވިދާ ބަބުޅަން ފެށިއެވެ. އަދި އެފަދަ ހުދުކުލައެއް ފެނިގެން ނުވާ މިންވަރަށް ހުދުވެގެން ދިޔައެވެ.
4 ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެބައިމީހުންގެ ކުރިމައްޗަށް ފައުޅުވެވަޑައިގެން އީސާގެފާނާއި ވާހަކަ ދައްކަވަމުން ގެންދެވިއެވެ.
5 އެހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަމީ ރަނގަޅަކަށް ދިމާވި ކަމެއް! ކަލޭގެފާނަށާއި، މޫސާގެފާނަށާއި އަދި އިލްޔާސްގެފާނަށް އަޅުގަނޑުމެން ތިން ހިޔާވަހި ހައްދަވައި ދެއްވަންތޯ؟“
6 އަދި އަސްޙާބީން ބިރުން ތިބި މިންވަރުން ޕަތަރަސްއަށް އޭނާ އަށް މިބުނެވުނު އެއްޗެއްގެ މާނަ އެނގިގެން ނުވިއެވެ.
7 އެހިނދު ވިލާގަނޑެއް ފާޅުވެ އަދި އޭގެ ހިޔަނީގައި އެބޭކަލުން ފޮރުވިގެންވިއެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން އަޑެއް އިވިގެން އައެވެ. ”މިއީ ތިމަންކަލާނގެ ލޯބިވެވޮޑިގެންވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!“
8 އެއަޑު އިވުމުން އަވަސް ކަމާއެކު އެބޭކަލުން ބެލިއިރު އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެބޭކަލުންނާއި އެކުގައި ހުންނެވީ ހަމަ އެކަނި އީސާގެފާނެވެ.
9 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުނުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“
10 އެގޮތުން އެބޭކަލުންނަށް ފެނިދިޔަ އެކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނެ އެބޭކަލުން އެކަލޭގެފާނުގެ މިއަމުރުފުޅަށް ކިޔަމަންތެރިވި ނަމަވެސް ”މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވުން“ މި ބަސްފުޅާމެދު އެބޭކަލުންގެ މެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ.
11 އަދި އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ދީނީ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟“
12 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟
13 އެކަމަކު އަހަރެން ބުނަން. އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އަދި މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ފަދައިން އެކަލޭގެފާނާއިމެދު މީހުން ހިތުހުރިހާ ގޮތަކަށް ކަންތައް ކޮށްފި.“
އީސާގެފާނު ނުބައި ރޫޙެއްގެ ދަށުގައި ވީ ފިރިހެން ކުއްޖެއްގެ ބަލިހެޔޮކޮށްދެއްވުން
14 އަދި އެދުވަހު އެބޭކަލުން ފަރުބަދަމަތިން ތިރިއަށް ފައިބައިގެން އައިރު ގިނަ ޢަދަދެއްގެ ބަޔަކު އެހެނިހެން އަސްޙާބީންގެ ވަށައިގެން ތިބިތަން އެބޭކަލުންނަށް ފެނުނެވެ. އަދި ދީނުގެ ބައެއް ދަންނަބޭކަލުން އެ އަސްޙާބީންނާއި ޒުވާބު ދެމުން ދިޔައެވެ.
15 މީސްތަކުންނަށް އެބޭކަލުންނާއި އެކުގައި އީސާގެފާނު ހުންނެވިތަން ފެނުމުން ވަރަށް ބޮޑަށް ޙައިރާންވެ، އަދި އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމަށް އެމީހުން ދުވެފައި ދިޔައެވެ.
16 ”އެބައިމީހުންނާއި ތިޔަބައިމީހުން ޒުވާބު ދެމުން ތިޔަ ގެންދަނީ ކޮންކަމަކާ؟“ އީސާގެފާނު އެ މީހުންނާއި ސުވާލު ކުރެއްވިއެވެ.
17 އެހިނދު އެއްވެފައިވާ މީސްތަކުންގެ ތެރެއިން ފިރިހެނަކު ޖަވާބު ދިނެވެ. ”އެދުރު ކަލޭގެފާނު، ޖިންނީގެ އުނދަގޫ ކުރިމަތިވުމުގެ ސަބަބުން ވާހަކަ ނުދެކެވޭ އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ ބަލި ހެޔޮކޮށްދެއްވުމަށް ކަލޭގެފާނުގެ އަރިހަށް އަޅުގަނޑު މިވަނީ ގެނެސްފައި.
18 ކޮންމެ ވަގުތެއްގައިވެސް ޖިންނި އޭނާއަށް ޙަމަލާ ދީ ބިންމައްޗަށް ވައްޓާލާފާނެ. އަދި އޭނާގެ ދަތްޕިލާޖެހި މުޅި އަނގައިން ފޮނު އެރުވުމުގެ އިތުރުން މުޅި ހަށިގަނޑަށް ބާރެއް އަރައި ހަރުދަނޑި ވެއްޖެ. އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންގެ އަރިހުން ވެސް މި ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވިން. ނަމަވެސް އެބޭކަލުންނަށް އެކަން ކޮށްދެއްވުން ނުކުޅެދިގެންވި.“
19 އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!“
20 އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އެފިރިހެން ކުއްޖާ ގެނައެވެ.
އަދި ޖިންނިއަށް އީސާގެފާނު ފެނުނު ހިނދު، ޖިންނި އެ ފިރިހެން ކުއްޖާ ބިންމައްޗަށް ނަގާ ވައްޓާލުމުން އެކުއްޖާގެ ހަށިގަނޑަށް ބާރެއް އަރައި އިދިފުށަށް ދަމަން ފެށިއެވެ. އަދި ބިންމަތީގައި މިފަދަ ޙާލަތެއްގައި ފުރޮޅެމުން އަނގައިން ފޮނުއަރުވަން ފެށިއެވެ.
21 ”މި ބަލީގައި މި ކުއްޖާ ކިހާ ދުވަހެއް ވެއްޖެ؟“ އީސާގެފާނު އެ ފިރިހެން ކުއްޖާގެ ބައްޕަ އާއި ސުވާލު ކުރެއްވިއެވެ.
އެ ކުއްޖާގެ ބައްޕަ ޖަވާބުދީ އެދި ދެންނެވިއެވެ. ”އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން،
22 އެތަކެއް ފަހަރު މަތިން އަލިފާނުގެ ތެރެއަށާއި ފެނުގެ ތެރެއަށް މި ޖިންނި އޭނާ އެއްލާލާ މަރާލަން މަސައްކަތް ކޮށްފައިވޭ. އަޅުގަނޑާއި މެދު ރަޙުމް ކުރައްވާ، ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ މިކަމަށް އެހީތެރިވެ ދެއްވާ.“
23 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއްވެސް ކުޅަދާނަ ވެގެންވާނެ.“
24 އެހިނދު އެކުއްޖާގެ ބައްޕަ ރޮއިހޭރިގެންފިއެވެ. ”އަޅުގަނޑު އީމާންވަމު. އެހެނަސް އެދެވޭ ގޮތުގައެއް ނޫންމެ. ފުރިހަމަ އީމާންތެރިކަމެއްގައި ވުމަށް އަޅުގަނޑަށް މިކަމުގައި އެހީތެރިވެ ދެއްވާ!“
25 އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!“
26 ގަދަ އަޑުފަށްގަނޑަކާއެކު އެ ފިރިހެން ކުއްޖާ އިދިފުށަށް ދަމައިގަތުމަށް ފަހު ޖިންނި އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ބޭރުވެގެން ދިޔައެވެ. އެހިނދު އެ ފިރިހެންކުއްޖާ ވަނީ ޙަރަކާތްނެތި މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އަދި އެ ކުއްޖާ ދުށް ގިނަ މީހުންނަށް ބުނެވުނެވެ. ”އެ ކުއްޖާ އެ އޮތީ މަރުވެފަ!“
27 ނަމަވެސް އީސާގެފާނު އެ ފިރިހެން ކުއްޖާގެ އަތުގައި ހިއްޕަވާ އެ ކުއްޖާ ކޮޅަށް ނެންގެވުމަށް އެހީތެރިވެ ދެއްވިއެވެ. އަދި އޭނާ ކޮޅަށް ތެދުވިއެވެ.
28 އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކު ގެއަށް ވަޑައިގެންނެވިއެވެ. އަދި އަސްޙާބީން އެކަލޭގެފާނާ އެކަހެރިކޮށް ސުވާލު ކުރިއެވެ. ”ކީއްވެގެންތޯ އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ؟“
29 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މިފަދަ ކޮންމެ ނުބައި ރޫޙާނީ ކަމެއްގެ މައްޗަށް ބާރު ހޯދޭނީ ދުޢާއިން. އެހެން ގޮތަކުން އެކަމެއް ނުވާނެ.“
އީސާގެފާނު އެކަލޭގެފާނު އަވަހާރަވުމާ ބެހޭގޮތުން ދެވަނަފަހަރަށް ވިދާޅުވުން
30 އީސާގެފާނާއި އަސްޙާބީން އެ ސަރަހައްދު ދޫކުރައްވާ ގަލީލީގެ ސަރަހައްދުތަކަށް ވަޑައިގެންނެވިއެވެ. އީސާގެފާނު ހުންނެވި ތަން އެއްވެސް މީހަކަށް އެނގިގެން ވުމަކަށް އެކަލޭގެފާނު އެދިނުލައްވައެވެ.
31 ސަބަބަކީ އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރައްވާ އެބޭކަލުންނަށް އުނގަންނައި ދެއްވުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވި، އޭނާ މަރާލެވޭނެ. އަދި އޭގެ ތިންދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.“
32 އެހެނަސް އެބޭކަލުންނަށް މި ވިދާޅުވެދެއްވި އެއްޗެއްގެ މާނަ ދޭހައެއް ނުވިއެވެ. އަދި އިތުރަށް އޮޅުންފިލުވައި ދެއްވުމަށް އެދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވުމަށް އެބޭކަލުން ޖެހިލުންވިއެވެ.
އެންމެ މަތިވެރިވެގެން ވަނީ ކާކު؟
33 އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކަޕަރުނައުމަށް ވަޑައިގަތެވެ. އަދި ގެއަށް ވަޑައިގަތުމަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”މިރަށަށް އައި މަގުމަތީގައި ތިޔަބައިމީހުންގެ މެދުގައި ދެބަސްވެވުނީ ކޮންކަމަކާ؟“
34 ނަމަވެސް އެބޭކަލުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައެވެ. ސަބަބަކީ އެރަށަށް އައި މަގުމަތީގައި އެބޭކަލުންގެ މެދުގައި ޚިލާފު އުފެދި ދެބަސްވެވުނީ އެބޭކަލުންގެ މެދުގައި އެންމެ މަތިވެރިވާނީ ކޮންބޭކަލެއް ކަމާއިމެދުގައެވެ.
35 އީސާގެފާނު އިށީނދެވަޑައިގެންނެވުމަށް ފަހު، އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން މަތިވެރިކަމަށް އެދޭ ނަމަ ފުރަތަމައިން ދެރަ ނިކަމެތި މީހަކަށްވެ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވޭތޯބަލާ.“
36 އެއަށް ފަހު އެކަލޭގެފާނު އެތާ ކައިރީގައި ހުރި ކުޑަކުއްޖެއްގެ އަތުގައި ހިއްޕެވުމަށް ފަހު އެބޭކަލުންގެ ކުރިމަތީގައި ބެހެއްޓެވިއެވެ. އަދި އެ ކުޑަކުއްޖާގެ އަތުގައި ހިއްޕަވާ އެކަލޭގެފާނުގެ އަތްދަނޑި މަތީގައި ބޭންދެވުމަށް ފަހު އެބޭކަލުންނަށް ވިދާޅުވިއެވެ.
37 ”އަހަންނަށްޓަކާ ތިޔަބައިމީހުން މި ފަދަ ކުއްޖަކަށް މަރުހަބާ ކިޔައިފި ނަމަ އެއީ އަހަންނަށް ކިޔޭ މަރުހަބާއެއް. އަދި ތިޔަބައިމީހުން އަހަރެންނަށް މަރުޙަބާ ކިޔާނަމަ އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅަށް ކިޔޭ މަރުހަބާއެއް ވެސްމެ.“
އަހަރެމެންނާއި ދެކޮޅުނުވާ ކޮންމެ މީހަކީ އަހަރެމެންނާއި އެކުގައިވާ މީހެއް
38 އެއަށް ފަހު ޔޫޙަންނާ އީސާގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނުގެ ނަންފުޅުގެ ބޭނުން ކުރައްވައިގެން ޖިންނީގެ އުނދަގުލުން މީހުން ރަނގަޅުކުރަމުން ގެންދާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާއަށް އެކަންތައް ކުރުން ހުއްޓުމަށް އެންގިން. އެއީ އެމީހާ އަކީ އަޅުގަނޑުމެންގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫން.“
39 އީސާގެފާނު ވިދާޅުވިއެވެ. ”އެމީހާ ހުއްޓުވަން މަސައްކަތް ނުކުރޭ. ސަބަބަކީ އަހަރެންގެ ނަމުގައި އެއްވެސް މީހަކު މުޢުޖިޒާތް ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެމީހަކު އަހަރެންނާއި މެދު ބަދުބަސް ބުނަން ޖެހިލުންވާނެ.
40 އެހެންވީމާ، އަހަރެމެންނާއި ދެކޮޅު މީހަކު ކަމުގައިނުވާ ކޮންމެ މީހަކީ އަހަރެމެންނާއި އެކުގައިވާ މީހެއް.
41 އަހަރެން ބުނަންތަ؟ ތިޔަބައިމީހުންނީ އަލްމަސީޙު އާއި އެކުގައިވާ ބައެއް ކަމުގައި ބަލައި ތިޔަބައިމީހުންނަށް ބޯނޭ ފެންތައްޓެއްދޭ މީހަކު ގެއްލެނި ނުކުރައްވާ އެމީހަކަށް ޙައްޤު އިނާމު ލިބިދޭނެ.“
ވަސްވާސްތަކުން ފާފަތަކަށް އަރައިގަތުން
42 ”އެއްވެސް މީހަކު މިފަދަ ކުޑަކުދިންގެ ހިތުގައި އަހަރެންގެ މައްޗަށް އީމާންތެރިކަން ދޫކޮށްލުމަށް އެކުއްޖަކަށް ނުފޫޒު ފޯރުވައިފިނަމަ އެމީހަކު ގެއްލެނި ކުރައްވާނެ. މިފަދަ މީހުންގެ ކަރުގައި ކަޅުހިލަ ދައެއް އެއްސުމަށް ފަހު ކަނޑު ފެއްތިއަސް އެއަށް ވުރެން ރަނގަޅުވާނެ.
43-44 އެހެންވީމާ، ތިބާގެ އަތަކުން ފާފަތަކަށް އަރައިގެންފިނަމަ އެ އަތެއް ކަނޑާލާ. އެއީ ދެއަތް ލިބިގެންވާ ޙާލުގައި ނިމުންނުވާ އަލިފާނުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އެއް އަތް ހުރެމެ ނުކުޅެދިގެންވާ ޙާލުގައިވެސް ނިމުންނުވާ ދިރިހުރުން ލިބުން މޮޅުއިތުރު ވެގެންވާތީ.
45-46 އަދި ތިބާގެ ފަޔަކުން ފާފަތަކަށް އަރައިގެންފިނަމަ އެ ފައެއް ބުރިކޮށްލާ. އޭރުން ދެފައި ހުރެމެ ނަރަކަޔަށް ދިޔުމުގެ ބަދަލުގައި އެއްފަޔާއިއެކު ނުކުޅެދިގެންވާ ޙާލުގައި ވެސް ނިމުންނުވާ ޙަޔާތަށް ދިއުން މޮޅުއިތުރު ވެގެންވާތީ.
47 އަދި ތިބާގެ ލޮލަކުން ފާފަތަކަށް އަރައިގެންފިނަމަ އެ ލޮލެއް ނަގާ! އެއީ ދެ ލޮލާއިއެކު ނަރަކަޔަށް ހުށަހެޅި ގަތުމަށް ވުރެން އެއް ލޮލާއި އެކު މާތްރަސްކަލާނގެ ރަސްކަންފުޅަށް ދިއުން މޮޅުއިތުރު ވެގެންވާތީ.
48 ނަރަކައިގައިވާ ފުޅަތައް ދެމިތިބެ މީސްތަކުން ކައިހަދާނެ. އަދި އެތަނުގައިވާ ނިމުމެއް ނުވާ އަލިފާނުން މީސްތަކުން އަންދަމުންދާނެ.
49 އެހެންވީމާ، އެންމެތަކުންނަށް އަލިފާނުން ލޮނުލައިދެވޭނެ.
50 ލޮނަކީ ރަނގަޅު އެއްޗެއް. އެހެނަސް ލޮނުން ލޮނުރަހަ ކެނޑިއްޖެނަމަ ތިޔަބައިމީހުންނަށް އޭގެ ތާސީރު އަލުން އަނބުރާ ގެނެވޭނެތަ؟ ތިޔަބައިމީހުން ވެސް އެއްބަޔަކު އަނެއްބަޔަކާއެކު ލޮނުހެޔޮ ގޮތުގައި އެއްބައިވަންތަކަން ގާއިމުކޮށް އަދި އެކަކު އަނެކަކާއެކު ސުލްޙަވެރިކަންމަތީ ދުނިޔެ ވޭތުކުރެވޭތޯ ބަލާ.“