3
ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވި ގޮވާލެއްވުން
ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ. އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ.
އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އުރުދުން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މި ވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ. ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކައި ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ. ޔަޙުޔާގެފާނު މިކަންތައްތައް ކުރައްވަމުން ދާ ގޮތުގެ ވާހަކަ މާތްރަސްކަލާނގެ ވަނީ މާކުރީންސުރެ ވެސް އަންގަވާފައެވެ. އެގޮތުން އިހު ޒަމާނުގެ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ މިފަދައިން ވަޙީކުރައްވާ ބާވައިލެއްވިގެން ވެއެވެ.
”މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރޭގައި އުޅޭމީހަކު ގޮވަމުން ދާނެއެވެ.
’މަތިވެރި މާތްރަސްކަލާނގެ އަށްޓަކައި މަގުތައް ސީދާކުރާށޭ.
ހުރިހާ ވާދީތަކެއް ފުރި އެއްވަރުވާނެއޭ އަދި ކޮންމެ ފަރުބަދައަކާއި އުސްގަނޑެއް ތިރިވެ ކަތިކަތިވެފައިވާ މަގުތައް ސީދާވެ އަދި އަޑިގުޑަން މަގުތައް އޮމާން ވާނެއޭ.
އޭރުން މާތްރަސްކަލާނގެ މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށް ދެއްވާނެ ދިންނެވުން ކަލޭމެންނަށް ވެސް ހާމަކުރައްވާނެއޭ.‘ “
ޔަޙުޔާގެފާނުގެ އަރިހަށް ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށްޓަކައި އެތައްބައިވަރު މީސްތަކުންނެއް އައެވެ. އެމީހުންނަށް ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”އޭ ހަރުފައިގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ކަލޭމެން ހީކުރަންތަ؟ 8‏-9 އެގަހަކުން މޭވާއެއް ނުލިބޭ ކޮންމެ ގަހެއް މުލާ އެކު ކަނޑާ ދަރުގެ ގޮތުގައި އަންދާ ލެވޭނެ. ފައިދާ ނުލިބޭ ގަސްތައް ކަނޑާ ދުވަސް މިހާރު މިއޮތީ އައިސް ޖެހިފަ. ވީމާ ތައުބާވޭ. އަދި ކަލޭމެންގެ އަމަލުތަކުން ކަލޭމެން ތައުބާވެއްޖެ ކަން ހާމަކޮށްދީ. ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ވީތީ މާތްރަސްކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމަށް ހީނުކުރާތި. މާތްރަސްކަލާނގެ އެދިވޮޑިގެންފި ނަމަ މިހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އުފެއްދެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ.“
10 މީސްތަކުން ޔަޙުޔާގެފާނު ކުރެން ސުވާލު ކުރިއެވެ. ”އަހަރެމެން ތައުބާވެއްޖެ ކަން ހާމަކުރުމަށްޓަކައި ކުރަންވީ ކީއް؟“
11 ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ދެގަނޑެތި އޮތްނަމަ އަތުގައި ލާނޭ އެއްޗެއް ނެތް މީހާ އަށް އޭގެން އެއްގަނޑެތި ދީ. އަދި އެމީހެއްގެ އަތުގައި ކާނެ އެއްޗެތި ވާ މީހާ އެ އެއްޗެތި ނެތް މީހަކަށް އެހީވޭ.“
12  ޓެކްސް ނަގާ މީހުންގެ ބަޔަކު ވެސް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް އައެވެ. އެމީހުން ޔަޙުޔާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަހަރެމެން ތައުބާވެއްޖެ ކަން ހާމަ ކުރުމުގެ ގޮތުން ކުރަންވީ ކަމަކީ ކޮބާ؟“
13 ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ޓެކްސް ނަގަން ކަނޑައަޅާ އަންގާފައި އޮންނަ އަދަދަށް ވުރެ އިތުރަށް ކަލޭމެން މީސްތަކުންގެ އަތުން ފައިސާ ނާތުލާ.“
14 އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟“
ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.“
15 މީސްތަކުންގެ ހިތަށް އަރަމުން ދިޔައެވެ. ”މިޔަޙުޔާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ކަމަށް އަހަރެމެން އިންތިޒާރު ކޮށްގެން މިތިބަ އަލްމަސީޙުއެއް ނޫން ބާ؟“ 16 އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”އަހަރެންމީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ. 17 އެކަލޭގެފާނު ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވާ ދެބައި ކުރައްވާނެ. އަދި ގޮވާންތައް ގުދަނަށް ލައްވާ ހުއިތައް ނިވުމެއް ނުވާ އަލިފާނަކުން އަންދަވާނެ. އެކަލޭގެފާނު މިފަދައިން މީސްތަކުންނާ ދޭތެރޭ ކަންތައް ކުރައްވާނެ.“
18 ޔަޙުޔާގެފާނު މީސްތަކުންނަށް އެތައް ތަފާތު ގޮތްތަކަކުން މި ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އަންގަވައި ދެއްވަމުން ގެންދެވިއެވެ.
19 ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަޙުޔާގެފާނު ޖަލަށް ލިއެވެ. އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާސް އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެންވެސް ނުބައި ކަންތައްތަކަކީ ނުރަނގަޅު ކަންތައްތައް ކަމުގައި ޔަޙުޔާގެފާނު ވިދާޅުވުމުންނެވެ. 20 އެކަމާ ހެރޮދު އައި ރުޅިން ޔަޙުޔާގެފާނު ޖަލަށްލުމަށް އަމުރުކުރިއެވެ. އަދި ހެރޮދުގެ މިއަމަލުގެ ސަބަބުން އޭނާ ކުރި ފާފަތަކުގެ ތެރެއަށް އަނެއްފާފަ އިތުރު ވިއެވެ.
އުޑުން އައި އަޑުފުޅެއް
21  ޔަޙުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަޙުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ. އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ. 22 އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.“
އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދަރިކޮޅު
23‏-38 އީސާގެފާނު މާތްރަސްކަލާނގެ އާއި މެދު މީސްތަކުންނަށް އަންގަވާ ދެއްވާ އުގަންނާ ދެއްވަން ފެއްޓެވި އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސް އަހަރުފުޅެވެ. މީސްތަކުން ހީކުރި ގޮތުގައި އީސާގެފާނަކީ ޔޫސުފުގެ ދަރިއެކެވެ.
މި ޔޫސުފުގެ ދަރިކޮޅު ފެށުނު ގޮތަކީ މިއެވެ:
މާތްރަސްކަލާނގެ އާދަމްގެފާނު އެކަލާނގެ ސިފަފުޅުގައި ހެއްދެވިއެވެ. އެއަށް ފަހު އާދަމްގެފާނުގެ ފުތް ޝޭތު، ޝޭތުގެ ފުތް އެނޯޝް، އެނޯޝްގެ ފުތް ކެނާން، ކެނާންގެ ފުތް މަހަލަލޭލް، މަހަލަލޭލްގެ ފުތް ޔެރޭދު، ޔެރޭދުގެ ފުތް އިދުރީސްގެފާނު، އިދުރީސްގެފާނުގެ ފުތް މެތޫޝާލަޙު، މެތޫޝާލަޙުގެ ފުތް ލަމެޚް، ލަމެޚުގެ ފުތް ނޫޙުގެފާނު، ނޫޙުގެފާނުގެ ފުތް ޝާމު، ޝާމުގެ ފުތް އަރުޕަކްޝާދު، އަރުޕަކްޝާދުގެ ފުތް ކައިނާމު، ކައިނާމުގެ ފުތް ޝާލަޙު، ޝާލަޙުގެ ފުތް ޣަބީރު، ޣަބީރުގެ ފުތް ޕެލޭގު، ޕެލޭގުގެ ފުތް ރަޢޫ، ރަޢޫގެ ފުތް ސަރޫގު، ސަރޫގުގެ ފުތް ނަހޫރު، ނަހޫރުގެ ފުތް ތަރާޙު، ތަރާޙުގެ ފުތް އިބްރާހީމްގެފާނު، އިބްރާހީމްގެފާނުގެ ފުތް އިސްޙާޤުގެފާނު، އިސްޙާޤުގެފާނުގެ ފުތް ޔަޢުޤޫބުގެފާނު، ޔަޢުޤޫބުގެފާނުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ފާރިޞް، ފާރިޞްގެ ފުތް ހެޒުރޯން، ހެޒުރޯންގެ ފުތް އަރުނީ، އަރުނީގެ ފުތް އަދުމީން، އަދުމީނުގެ ފުތް ޢައްމީނާދާބު، ޢައްމީނާދާބުގެ ފުތް ނަޙްޝޫނު، ނަޙްޝޫނުގެ ފުތް ސަލްމާން، ސަލްމާނުގެ ފުތް ބޫޢަޒު، ބޫޢަޒުގެ ފުތް ޢޫބީދު، ޢޫބީދުގެ ފުތް ޔައްސާ، ޔައްސާގެ ފުތް ދާއޫދުގެފާނު، ދާއޫދުގެފާނުގެ ފުތް ނަތާނު، ނަތާނުގެ ފުތް މައްތާތަ، މައްތާތަގެ ފުތް މިންނާހު، މިންނާހުގެ ފުތް މެލިޔާހު، މެލިޔާހުގެ ފުތް އެލިޔަކީމް، އެލިޔަކީމުގެ ފުތް ޖޯނަމް، ޖޯނަމުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ސިމިޔާނު، ސިމިޔާނުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ޖޮރީމް، ޖޮރީމުގެ ފުތް އެލިޔާސިރު، އެލިޔާސިރުގެ ފުތް ޖަހޫޝް، ޖަހޫޝުގެ ފުތް އަޔީރް، އަޔީރުގެ ފުތް އެލްމޮދާމު، އެލްމޮދާމުގެ ފުތް ކުޝާމު، ކުޝާމުގެ ފުތް އައްދީ، އައްދީގެ ފުތް މާލިކު، މާލިކުގެ ފުތް ނެރީހު، ނެރީހުގެ ފުތް ޝައަލްތައީލް، ޝައަލްތައީލުގެ ފުތް ޒަރުބާބިލު، ޒަރުބާބިލުގެ ފުތް ރިޒާ، ރިޒާގެ ފުތް ޔުހަންނާން، ޔުހަންނާނުގެ ފުތް ޔޮދާހު، ޔޮދާހުގެ ފުތް ޔޮސޭހު، ޔޮސޭހުގެ ފުތް ޝިމާނު، ޝިމާނުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް މާތުހު، މާތުހުގެ ފުތް ނައްގާހު، ނައްގާހުގެ ފުތް އަސުލިޔާހު، އަސުލިޔާހުގެ ފުތް ނަހޫމު، ނަހޫމުގެ ފުތް އާމޮސް، އާމޮސުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޖަންނައި، ޖަންނައިގެ ފުތް މާލިކު، މާލިކުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ހެލާއި، ހެލާއިގެ ފުތް ޔޫސުފުއެވެ. އަދި މީހުން ހީކުރި ގޮތުގައި މި ޔޫސުފަކީ އީސާގެފާނުގެ ބައްޕާފުޅެވެ.