16
”އަހަރެން މި ވާހަކަ މި ބުނަނީ ކަލޭމެންނަށް ކުއްލި ހައިރާން ކަމެއް ލިބުނަސް ކަލޭމެންގެ އީމާންތެރިކަންމަތީ ސާބިތުވެ ބައިތިއްބުމަށްޓަކައި. ކަލޭމެން ދީނީ މަރުކަޒުތަކުން ބޭރުކޮށްލެވޭނެ. އަދި ކޮބާ، ކަލޭމެން މެރުމަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ހެޔޮކަމެއް ކަމުގައި މީސްތަކުން ދެކޭނެ ފަދަ ދުވަހެއް ވެސް އެބައާދޭ. އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއްވެސް ނޭނގޭތީ. އަހަރެން މި ވާހަކަ މި ބުނީ މިކަންތައްތައް ހިނގައިފާނެ ވަގުތަކަށް ކަލޭމެން ތައްޔާރު ވުމަށް އަހަރެން ކުރި އިންޒާރު ހަނދާންކޮށް ދިނުމަށް. އަހަރެން މީގެ ކުރީގައި މިވާހަކަ ކަލޭމެންގެ ގާތު ނުބުނެ ހުރީ އަހަރެން ދުވަސްކޮޅަކު ކަލޭމެންގެ ގާތު ހުންނާނެތީ.“
މާތްރޫޙުފުޅު ކުރައްވާނެ ކަންތައްތައް
”ނަމަވެސް މިހާރު އަހަރެން އެނބުރި މިދަނީ އަހަރެން ފޮނުއްވި ފަރާތުގެ އަރިހަށް. އެކަމަކު ތިޔައިގެ ތެރެއިން އެކަކުވެސް އަހަރެން މިދަނީ ކޮންތާނކަށްތޯ އަހާ މިހާރު ސުވާލެއް ނުކުރި. އޭގެ ބަދަލުގައި އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދިނުމުން ކަލޭމެން ތިޔަ ތިބީ އެކަމާ ދެރަވެ ހިތާމަވެރިވެފަ. ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން. މާތްރޫޙުފުޅު ކަލޭމެންނާއެކު ވާހިނދު އެރޫޙުފުޅު މީސްތަކުންނަށް ފާފައަކީ ކޮބައިކަމާއި، މާތްރަސްކަލާނގެ އިންސާފުވަންތަކަމީ ކޮބައިކަމާއި، އަދި އެކަލާނގެ ހިސާބު ބައްލަވާނެ މަގަކީ ކޮބައިކަމުގެ ތެދު ހާމަކޮށް ދެއްވާނެ. ފާފައާއި މެދު އެމީހުން ދެކެނީ ރަނގަޅަކަށް ނޫން. އެހެން އެވަނީ އެމީހުން އަހަރެންނަށް އީމާން ނުވާތީ. 10 އެމީހުން މާތްރަސްކަލާނގެ އިންސާފުވަންތަކަމާ މެދު ދެކޭގޮތް ރަނގަޅެއް ނޫން. އެހެނީ އަހަރެން މިދަނީ ބައްޕާފުޅުގެ އަރިހަށް. ކަލޭމެންނަކަށް ދެން އަހަރެންނެއް ނުފެންނާނެ. 11 އަދި އެމީހުން ހިސާބު ބެއްލެވުމާ މެދު އެދެކެނީއަކީ ރަނގަޅަކަށެއް ނޫން. އެގޮތަކީ މިހާރުވެސް މީހަކު ވަނީ ކުށްވެރިވެ ނިމިފައި. އެމީހަކީ މި ދުނިޔޭގެ ވަލީޢަހުދު، ޝައިތާނާ.*
12 އަހަރެން ކަލޭމެން ގާތު ބުނަން ބޭނުން އެތައް އެތައް ބަސްތަކެއް އަދިވެސް އެބަހުރި. ނަމަވެސް މި ވަގުތު އެހުރިހާ ކަމެއް ވިސްނި އެނގުމުގެ ކުޅަދާނަކަމެއް ކަލޭމެންނަކަށް އަދި ލިބިފައެއް ނުވޭ. 13 ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ. 14 އަހަރެން ކަލޭމެންނަށް އަންގާ ބަސްތައް މާތްރޫޙުފުޅު ކަލޭމެންނާ ހަމަޔަށް ގެނެސްދީ އެގޮތުން އަހަރެންގެ ނަން މަތިވެރި ކޮށް ދޭނެ. 15 ބައްޕާފުޅުގެ ކިބައިގައިވާހައި ކަމެއް އަހަރެންގެ ކިބައިގައިވޭ. އަހަރެން ކަލޭމެންނަށް ފޮނުވާ ހުރިހާ އެއްޗެއް މާތްރޫޙުފުޅު ކަލޭމެންނަށް ގެނެސްދީ ބުނެދީ ހަދާނެޔޭ އަހަރެން ކަލޭމެންގެ ގާތު ބުނީ އެހެންވެ.“
އަސްޙާބީންގެ ހިތާމަ އުފާވެރިކަމަށް ބަދަލުވާނެ
16 ”އިރުކޮޅެއްގެ ތެރޭގައި ދެން ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. ދެން އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ކަލޭމެންނަށް އަނެއްކާ ވެސް އަހަރެން ފެންނާނެ.“
17 އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”އަހަރެން އިރުކޮޅަކުން ކަލޭމެންނަކަށް ނުފެންނާނެއޭ، އަނެއްކާ އިރުކޮޅަކުން ފެންނާނެއޭ، އޭގެ މާނައަކީ އަޅެ ކޮބައިތަ؟ އަހަރެން މިދަނީ ބައްޕާފުޅުގެ ގާތަށޭ، އެވިދާޅުވި ބަހުގެ މާނައަކީ ކޮބައިތަ؟ 18 އަދި ކުޑައިރުކޮޅެއްގެ ފަހުންނޭ އެވިދާޅުވި އެއްޗެއްގެ މާނައަކީ ވެސް އަޅެ ކޮބައިތަ؟ އަހަރެމެންނަކަށް އެ ވިދާޅުވާ އެއްޗެއް ދޭހައެއް ނުވޭ.“
19 އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟ 20 ބުނަންތަ؟ މިހާރު ކަލޭމެން އަހަރެންނާއި ދޭތެރޭ ކަންތައް ވާގޮތް ދެކެ ރޮއި ހިތާމަކޮށް ކަރުނަ އަޅާނެ. އެކަމަކު ދުނިޔޭގެ މީސްތަކުން އެތަން ދެކެ އުފާކުރާނެ. ކަލޭމެން މިހާރު ހިތާމަ ކުރިނަމަވެސް، ކަލޭމެންގެ ހިތާމަ ފަހުން އުފަލަކަށް ބަދަލުވެގެން ދާނެ. 21 ވިހަން ބަނޑުގައި ރިއްސާ އަންހެނަކު ވެސް ވާނީ ވަރަށް ބޮޑު ތަދަކާއި ކެކުޅުމެއްގައި. ނަމަވެސް ވިހެއުމުން އެހުރިހާ ކަމެއް ހަނދާންނެތި އުފާވެ ހިތްހަމަ ޖެހިދާނެ. އެއީ އޭނާއަށް ކުއްޖަކު ދުނިޔެއަށް ގެނެވުނުކަމުގެ އުފަލުގައި. 22 މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ. 23 އަދި އެދުވަސް އައުމުން ކަލޭމެން އަހަރެން ކުރެން އެއްވެސް ކަމަކަށް އެދޭކަން ނުޖެހޭނެ. އަހަރެންގެ ނަމުގައި ކަލޭމެން ބައްޕާފުޅު ކުރެން އެދޭ ކޮންމެ ކަމެއް ބައްޕާފުޅު ކޮށްދެއްވާނެ. 24 މީގެ ކުރިން ދުވަހަކުވެސް އަދި ކަލޭމެން މިފަދައިން އެދިފައެއް ނުވޭ. ނަމަވެސް މިހާރު ކަލޭމެން އަހަރެންގެ ނަމުގައި އެދެން ޖެހޭނެ. އެ އެދޭ ކަމެއް ބައްޕާފުޅު ކަލޭމެންނަށް ކޮށްދެއްވާނެ. އޭރުން ކަލޭމެން ކޮޅުނެތްކޮޅަށް އުފާވާނެ.
25 އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން. 26 އޭރުން ކަލޭމެންނަށް ސީދާ ބައްޕާފުޅުގެ އަރިހުން އަހަރެންގެ ނަމުގައި ކަންކަމަށް އެދެވޭނެ. އޭގެ މާނައަކީ، އޭރުން އަހަރެން ބައްޕާފުޅުގެ ކިބައިން ކަލޭމެންނަށްޓަކައި ކަންކަމަށް އެދި ދަންނަވާކަށް ނުޖެހޭނެ. 27 އެހެނީ ބައްޕާފުޅު ވެސް ކަލޭމެން ދެކެ ނިހާޔަތަށް ލޯބިފުޅުވޭ. އެއީ ކަލޭމެން އަހަރެން ދެކެ ލޯބިވާތީ. އަދި ކަލޭމެން އަހަރެންގެ ބަސްތައް ގަބޫލުކޮށް އީމާންވެ، އަހަރެން ފޮނުއްވީ މާތްރަސްކަލާނގެ ކަން ގަބޫލު ކުރާތީ. 28 އަހަރެން ދުނިޔެއަށް އައީ ބައްޕާފުޅުގެ ފަރާތުން. އަދި އަހަރެން ދުނިޔެއިން އެނބުރި މި ދަނީ ވެސް ބައްޕާފުޅުގެ އަރިހަށް.“
29 ދެން އަސްޙާބީން ދެންނެވިއެވެ. ”އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ. 30 ކަލޭގެފާނަށް ހުރިހާ އެއްޗެއްވެސް އެނގިވަޑައިގެންވާ ކަމާއި އަދި އެއްވެސް މީހަކު ކަލޭގެފާނުގެ ކުރެން ސުވާލެއް ކުރާކަށް ނުޖެހޭނެކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. މިކަމުގެ ސަބަބުން ކަލޭގެފާނު ވަޑައިގެންނެވީ މާތްރަސްކަލާނގެ ކިބަފުޅުން ކަންވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ.“
31 އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު އެންމެފަހުން ކަލޭމެން ގަބޫލު ކޮށްފިންދޯ؟ 32 ނަމަވެސް އެފަދަ ވަގުތެއް އެބައާދޭ، އެވަގުތު މިހާރުވެސް މި ވަނީ އައިސްފައި. އެއީ ކަލޭމެން އެންމެން އަހަރެން އެކަނިކޮށްލާފައި އެކި ތަންތަނަށް ވިއްސިވިހާލިވެ އެމީހެއްގެ ގެޔަށް އެމީހަކު ހިނގައިދާނެ. އޭރަކުންވެސް އަހަރެން އެކަންޏެއް ނުވާނެ. އެހެނީ ބައްޕާފުޅު ވަނީ އަހަންނާ އެކުގައި. 33 އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
* 16:11 16‏:11 އީސާގެފާނު ޝައިތާނާއަށް މި ދުނިޔޭގެ ވަލީޢަހުދު އޭ ނިސްބަތްކޮށް ވިދާޅުވި ބަސްފުޅުން އެކަލޭގެފާނު މާނަ ކުރައްވަނީ ޝައިތާނާއަށް ބާރު ފޯރުވޭނީ ހަމަ އެކަނި މި ދުނިޔެ މަތީގެ ކަންތަކަށް ކަމުގައެވެ. ނަމަވެސް އިލާހީ ކަންތައްތަކާއި އަދި ނިމުމެއް ނުވާ ދުނިޔޭގައި ޝައިތާނާގެ އެއްވެސް ބާރެއް ނުވާ ކަމެވެ.