43
ޔޫސުފުގެފާނުގެ އަޚުން މިޞްރަށް އެނބުރި އައުން
ކަންޢާނު ސަހަރަށް ދިމާވެފައިވީ ތަދުމަޑުކަން ބޮޑުވަމުން ދިޔައެވެ. އެބައިމީހުން މިޞްރުން ގަނެގެން ގެނައި ގޮވާން ހުސްވުމަކާއި ދާދި ކައިރި ވެފައި ވަނިކޮށް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”ކާނޭ ކުޑަ ގޮވާންކޮޅެއް ގަތުމަށް އަދި އެއްފަހަރު މިޞްރަށް ދޭ.“
ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ. ބަފައިކަލުން އަހަރެމެންނާއި އެކުގައި ބަންޔާމީން ފޮނުއްވާނެ ކަމުގައިވާނަމަ ކާނޭ ގޮވާން ގަތުމަށް އަހަރެމެން އެ ރަށަށް ހިނގައިދާނަން. ނަމަވެސް ބަންޔާމީން އަހަރެމެންނާއި އެކުގައި ދިއުމަށް ބަފައިކަލުން ރުހިނުލައްވާނަމަ އެ ރަށަށް ދިއުމުގެ ބޭނުމެއް ނެތް. އެއީ އަހަރެމެން އޭނާ ނުލައި ދިޔަ ކަމުގައި ވިޔަސް، އެ ރަށުގެ އަމީރާއި ބައްދަލު ނުވާނޭ ކަމުގެ އިންޒާރު އެ ބޭފުޅާ އަހަރެމެންނަށް ދެއްވާފައި ވާތީ.“
އިސްރާއީލުގެފާނު ވިދާޅުވިއެވެ. ”ތިޔަކުދިންގެ އިތުރު ކޮއްކޮއެއް ހުރި ވާހަކަ އޭނާ ގާތު ބުނީ ކީއްވެ؟ ކަލޭމެން އަހަރެންނާއި މެދުގައި ތިހާ އަނިޔާވެރި ވަނީ ކީއްވެ؟“
އެކުދިން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންގެ އާއިލާ އާއި ބެހޭ ގޮތުން ފަރުވާތެރިކަމާއެކު އޭނާ ސުވާލުތައް ކުރައްވަމުން ގެންދެވި. އަހަރެމެންގެ ބަފައިކަލުން ދުނިޔޭގައި ހުންނެވިތޯ އާއި، އިތުރު އެހެން ކޮއްކޮއަކު ހުރިތޯ އޭނާ އަހާ އޮޅުންފިލުވި. އަހަރެމެން އޭނާގެ ސުވާލުތަކަށް ޖަވާބުދާރީވީ. އަހަރެމެންނަށް ކިހިނެއްތަ އެނގޭނީ އަހަރެމެންގެ އެހެން ކޮއްކޮއެއް ހުރިނަމަ އެރަށަށް އޭނާ ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާނެ ކަމެއް؟“
އެއަށް ފަހު ޔަހޫޛާ އޭނާގެ ބަފައިކަލުންނަށް މިފަދައިން ބުންޏެވެ. ”އަހަރެންނާއި އެކުގައި ބަންޔާމީން ފޮނުއްވާ. އަދި އަހަރެމެން މިޞްރަށް ދިއުމަށް ތައްޔާރުވާނަމު. އެހެންނޫނީ އަހަރެމެން އެންމެން ހައިހޫނު ކަމުގައި މަރުވެދާނެ. އަހަރެމެން އެކަންޏެއް ވެސް ނޫން. ބަފައިކަލުންނާއި އަހަރެމެންގެ ޅަ ދަރިންވެސް މަރުވެދާނެ. އަހަރެން ބަންޔާމީނާއިމެދު ޒިންމާވާނަމު. އޭނާއަށް ރައްކާތެރިކަން ޚުދު އަހަރެން ދޭނަން. އަދި ބަފައިކަލުންގެ އަރިހަށް އޭނާ ގެނެސްދޭނަންވެސްމެ. މިފަދައިން އަހަރެންނަށް އަމަލު ނުކުރެވިއްޖެނަމަ އެކަމުގެ އިލްޒާމު މުޅި އުމުރަށް އަހަރެންގެ ބޮލުގައި އަޅުއްވާ. 10 މިކަމުގައި އަހަރެމެން ވަގުތުތައް ބޭކާރުކޮށް ނުލިނަމަ ދެފަހަރު އެ ރަށަށް ގޮސްފައި އާދެވޭހާ ދުވަސް މިހާރު ފާއިތުވެ ހިނގައްޖެ.“
11 އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ. 12 އަދި ކަލޭމެންގެ ގޯނިތަކުގެ ތެރެއަށް ކުރީ ފަހަރު ލާފައި އޮތް ފައިސާގެ ދެގުނަ އިތުރަށް ފައިސާ ގެންދޭ. ފަހަރެއްގައި އެ ފައިސާ ލެވިފައި އެވަނީ ކޮންމެވެސް މީހަކަށް އޮޅިގެން ކަމުގައި ވެދާނެ. 13 އަދި ކަލޭމެންގެ ކޮއްކޮ ގޮވައިގެން މިޞްރުގެ އަމީރު އަރިހަށްދޭ. 14 ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.“
15 ވީމާ، އެބައިމީހުން ޔަޢުޤޫބުގެފާނު ވިދާޅުވި ފަދައިން ހަދިޔާތައް ބަންދު ކޮށްގެން ކުރީފަހަރަށް ވުރެން ދެގުނަ އިތުރަށް ފައިސާ ހިފައިގެން އަދި ބަންޔާމީން ގޮވައިގެން މިޞްރަށް ގޮސް ޔޫސުފުގެފާނާއި ބައްދަލު ކުރިއެވެ.
16 އެބައިމީހުންނާއި އެކުގައި ބަންޔާމީން ހުރި ތަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ގަނޑުވެރުގެ އެންމެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”އެބައިމީހުން އަހަރެންގެ ގަނޑުވަރަށް ގެންދޭ. ރަނގަޅު ޖަނަވާރެއް ކަތިލައި ޖާފަތެއް ތައްޔާރުކުރޭ. އަދި މިއަދުގެ މެންދުރުގެ ޖާފަތް އެބައިމީހުން ކުރާނީ އަހަރެންނާއި އެކުގައި.“ 17 ވީމާ، އެކަލޭގެފާނު އެންގެވި ފަދައިން އެ ޚާދިމު ކަންތައް ކުރިއެވެ. ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންދެވުނެވެ.
18 ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.“ 19 އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ. 20 އަދި އެބައިމީހުން މިފަދައިން އެމީހާއަށް ބުންޏެވެ.
”ސާހިބާ. އަޅުގަނޑުމެން މީގެކުރިން ފަހަރެއްގައި މިރަށަށް ގޮވާން ގަތުމަށް އައީމު.
21 އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާވެސް ހިފައިގެން. 22 އަދި އަޅުގަނޑުމެން މިފަހަރު ގަންނަ ގޮވާމަށް އަގު އަދާކުރާނޭ އިތުރު ފައިސާވެސް އަޅުގަނޑުމެން ގެނައީމު. ކުރީފަހަރު އަޅުގަނޑުމެން ގޮވާމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރެއަށްލީ ކާކުކަމެއް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ.“
23 ދެން ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އެއީ އެއްވެސް ކަމެއް ނޫން. އެއްގޮތަކަށްވެސް ތިޔަކަމާއި ބިރު ނުގަނޭ. ތިޔަބައިމީހުންގެ ގޯނިތަކަށް އެފައިސާ ލައްވާފައި އެވަނީ ތިޔަބައިމީހުންގެ ކަލާނގެ، އަދި ތިޔަބައިމީހުންގެ ކާބަފައިންގެ ވެސް ވެރި ކަލާނގެމެ. ތިޔަބައިމީހުން ގޮވާން ގަތުމަށްޓަކައި ކުރީފަހަރު އަހަރެންގެ އަތަށް ދިން ފައިސާ އަހަރެންނަށް ހަމައަށް ލިބުނު.“ އެއަށް ފަހު ޚާދިމުކަލޭގެ ޝިމްޢޫން ޖަލުން ނެރެގެން އެބައިމީހުންގެ ގާތަށް ގެނައެވެ.
24 ޚާދިމްކަލޭގެ އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންގޮސް އެބައިމީހުންގެ އަތްފައި ދޮވުމަށްޓަކައި ފެން ދިނެވެ. އަދި އެބައިމީހުންގެ ސަވާރީތައް ކަމުގައިވާ ހިމާރުތަކަށް ކާން ދިނެވެ. 25 އެއަށް ފަހު، ޔޫސުފުގެފާނު މެންދުރު ވަޑައިގަތުމުގެ ކުރިން އެބައިމީހުން އެކަލޭގެފާނަށް އެރުވުމަށްޓަކައި ގެނައި ހަދިޔާތައް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ފަރިއްކޮޅު އެބައިމީހުން އެ ގަނޑުވަރުގައި އެކަލޭގެފާނާއި އެކުގައި ކުރަން ހަމަޖެހިފައިވާކަން އެބައިމީހުން އަހާފައިވާތީއެވެ.
26 ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ. 27 އެބައިމީހުންގެ ޙާލުއަޙުވާލާއި ޚަބަރު އައްސަވައި އެކަލޭގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ މުސްކުޅިވެފައިވީ ބަފައިކަލުންގެ ހާލު ކިހިނެއްތަ؟ އެކަލޭގެފާނު ދިރި ދުނިޔޭގައި އެބަ ހުންނެވިތަ؟“
28 އެބައިމީހުން ޖަވާބުގައި މިފަދައިން ދެންނެވިއެވެ. ”ކަލޭގެފާނުގެ ޚާދިމު، އަޅުގަނޑުމެންގެ ބަފައިކަލުން ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި އެބަހުންނެވި.“ މިހެން ބުނުމަށް ފަހު، އެބައިމީހުން ޔޫސުފުގެފާނަށް ޤަދަރުކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން ގުދުވެ ކުރުނީސް ކުރިއެވެ.
29 ޔޫސުފުގެފާނު އެކަލޭގެފާނާއި އެއްބަނޑު ކޮއްކޮ ބަންޔާމީންއަށް ބައްލަވާލައްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ އެންމެ ހަގު ކޮއްކޮ އަކީ މިއީތަ؟“ އެއަށް ފަހު އެކަލޭގެފާނު ބެންޔާމީނަށް ވިދާޅުވިއެވެ. ”ދަރިފުޅާ! މާތްރަސްކަލާނގެ ތިޔަ ދަރިކަލުންނަށް ރަޙުމަތްލާވާށި!“ 30 އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ. 31 އެއަށް ފަހު، އެކަލޭގެފާނުގެ މޫނުފުޅު ދޮވެވަޑައިގެން ކޮޓަރިކޮޅުން ބޭރަށް ނުކުމެ ވަޑައިގެން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ނަފްސުގެ މައްޗަށް ބާރުފުޅު ހިންގަވައި މިފަދައިން ވިދާޅުވިއެވެ. ”ކާން ތައްޔާރުކުރޭ.“
32 ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުން ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ. 33 ޔޫސުފުގެފާނުގެ އަޚުން އެބައިމީހުންގެ އުމުރުގެ ތަރުތީބުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އިށީނދެގެން ތިއްބެވެ. އެއީ އެންމެ ދޮށީ މީހާއިން ފެށިގެން އެންމެ ހަގު މީހާއަށް ހަމައަށް ތަރުތީބުންނެވެ. މިކަންތައް ކުރެއްވި ގޮތުން އެބައިމީހުން އެކަކު އަނެކެއްގެ މޫނަށް ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ. 34 އެބައިމީހުންނަށް ކާތަކެތި ގެންދެވުނީ ޔޫސުފުގެފާނުގެ މޭޒުކޮޅުންނެވެ. ނަމަވެސް އެހެން އެންމެންނަށް ވުރެން ފަސްގުނަ އިތުރަށް ބަންޔާމީންއަށް ކެއުން ދެވުނެވެ. އަދި އެ އެންމެން އެކަލޭގެފާނާއި އެކުގައި މިނިވަންކަމާއެކު ކައިބޮއި އުފާކޮށް ހެދިއެވެ.