5
މިނިވަންކަން ދެއްވަނީ އަލްމަސީޙު
އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަންމަތީ ތިބޭށެވެ. އަޑުއަހާށެވެ. އަހަރެން ޕައުލް ކަލޭމެންނަށް ބުނަމެވެ. ކަލޭމެން މާތްރަސްކަލާނގެ ދެއްވާ ރުއްސެވުން ހޯދުމަށް، ޚިތާނު ކުރަންޖެހޭ ކަމުގައި ދެކެނީނަމަ، ދެން އީސާ އަލްމަސީޙުގެ އެއްވެސް ބޭނުމެއް ކަލޭމެންނަކަށް ނުވެއެވެ. އަހަރެން ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން އެފަދައިން ކަންތައް ކޮށްފިނަމަ، މޫސާގެފާނު މެދުވެރިކުރައްވައި އެންގެވި ހުރިހާ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލޭމެން ކަންތައް ކުރަން ޖެހޭނެއެވެ. އަދި ކަލޭމެން އެ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން އުޅެނީނަމަ، ކަލޭމެން ތިޔަވަނީ އަލްމަސީޙުއާއި ވަކިވެފައެވެ. އަދި، ކަލޭމެން ތިޔަވަނީ، މާތްރަސްކަލާނގެ ނިޢުމަތްފުޅުން ވެސް ބޭރުވެފައެވެ.
އެހެނަސް މާތްރޫޙުފުޅު، އަހަރެމެންނަށް އަންގަވާދެއްވައި ޔަޤީންކޮށްދެއްވަނީ، އަހަރެމެން އީސާގެފާނަށް އީމާންވުމުގެ ސަބަބުން، މާތްރަސްކަލާނގެ އަހަރެމެންނަށް ރުއްސެވުން ދެއްވާނެ ކަމެވެ. އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ. ކަލޭމެންގެ މެދުގައި ކަންތައްތައް ވަމުން ދިޔައީ ނުލާހިކު ރަނގަޅަށް މެއެވެ. ވީއިރު ކަލޭމެންނަށް ތެދާއި އެއްގޮތަށް ކަންތައް ކުރުމަށް ހުރަސްއެޅީ ކާކުހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެއަކީ މާތްރަސްކަލާނގެއެއް ނޫނެވެ. އެއީ އެކަލާނގެއީ ކަލޭމެން ހޮއްވަވާ، ކަނޑައެޅުއްވި ރަސްކަލާނގެއެވެ. ސަމާލުވާށެވެ! މި އޮޅުވާލުމުގެ ފިލާވަޅުތަކުގެ ސަބަބުން، ބޮޑު ފުށްގަނޑެއްގެ ތެރެއަށް ކުޑަ ކަމީރު ކޮޅެއް ފެތުރިގެން ދާހެން އެންމެންގެ ވިސްނުން ތަޣައްޔަރު ކޮށްލާނެއެވެ. 10 ނަމަވެސް ކަލޭމެން ތިއީ މާތްސާހިބާގެ މިލްކެކެވެ. އެހެންކަމުން ކަލޭމެން ވެސް ހަމަ އަހަރެންނެކޭ އެއްފަދައިން، މިކަންތައްތަކާ ދޭތެރޭ ދެކޭނެ ކަމުގެ އިތުބާރު، އަހަރެންނަށް އެބައޮތެވެ. އަދި ކަލޭމެންނަށް އޮޅުވާލަން އުޅުނު މީހަކަށް، މާތްރަސްކަލާނގެ އެކަމުގެ ސަޒާދެއްވާނެއެވެ.
11 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެން މީހުންނަށް ޚިތާނު ކުރުމަށް އަންގަމުން ގެންދެއޭ މީހުން އެބުނާ ބުނުން އެއީ ތެދެއްނަމަ، އަހަރެންނަށް ބަނީއިސްރާއީލު މީހުންގެ ފަރާތުން މިހުރިހާ އުނދަގޫތަކެއް ލިބެމުން މިދަނީ ދެން ކީއްވެހެއްޔެވެ؟ އަހަރެން އެފަދައިން ކަންތައް ކުރަމުން ދާނަމަ އަލްމަސީޙު ގެ ސަލީބު ގެ ވާހަކަ އަންގާދީ ކިޔާދެމުން މިދާ ދިންނެވުމުގެ ވާހަކަތަކާހެދި އަހަންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވީހެވެ. 12 ކަލޭމެން ޚިތާނު ކުރަން އެއުޅޭ މީހުން، އެމީހުންގެ އެގުނަވަން، އެއްކޮށް ބުރިކޮށްލިޔަސް އަހަންނަށް ހެވެވެ.
13 ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ. 14 އެ ހުރިހާ އަމުރުފުޅުތަކެއް އެންމެ އަމުރުފުޅަކުން ފުރިހަމަވެއެވެ. އެއީ ”ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭވެސް އަނެއްމީހާ ދެކެ ލޯބިވާށޭ“ މިއެވެ. 15 ނަމަވެސް ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ބަދަލުގައި އަބަދު އެކަކު އަނެކަކާ ދެކޮޅުވެ އެކަކު އަނެކަކުގެ ނެތިމޮށެނީ ނަމަ ހަނދާންކުރާށެވެ. ކަލޭމެން އެކަކު އަނެކަކު މުޅިން ނެތި ވީރާނާ ކޮށްލާނެއެވެ.
މާތްރޫޙުފުޅުގެ ބާރުން ކަންތައްކުރުން
16 އެހެންވީމާ އަހަރެން ކަލޭމެންނަށް ބުނަމެވެ. މާތްރޫޙުފުޅު ކަލޭމެންނަށް ދައްކަވާ މަގުން ހިނގަމުންދާ ނަމަ ކަލޭމެންގެ ނަފްސު ދައްކާ ވިޔާނުދާ އެދުންތަކާ ދިމާއަށް ދާކަށެއް ނުޖެހޭނެއެވެ. 17 އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއްވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ. 18 ނަމަވެސް މާތްރޫޙުފުޅު ކަލޭމެންނަށް މަގުދައްކަވަމުން ދަނީ ނަމަ އަމުރުފުޅުތަކާއި ގަވާއިދުތައް ކަލޭމެންގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ.
19 ކަލޭމެންގެ އަމިއްލަ ނަފްސުގެ އެދުންތަކާ އެއްފަދައިން ކަންތައް ކުރާނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކަލޭމެންގެ ދިރިއުޅުމުގައި ފެންނާނީ މިފަދަ ސިފަތަކާއި އަމަލު ތަކެވެ: ޖިންސީގޮތުން ހިންގޭ ނުބައި ގުޅުންތައް، ހިތުގައި އުފެދޭ ނުބައި ނުލަފާ ޚިޔާލުތައް، ވަޙުޝީ ނުބައި އަމަލުތައް ކުރުމަށް ޝައުޤުވެރިވުން، 20 ބުދަށް އަޅުކަންކުރުން، ފަންޑިތަ ސިހުރު ހެދުން، މީހުންނަށް ނަފުރަތު ކުރުން، މީހުންނާ ނުގުޅުން، މީހުންނާއި ހަސަދަވެރިވުން، ރުޅިއައުން، އަމިއްލަ އެދުންބޮޑުވުން، ބައިބައިވުން އުފެއްދުން، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދުށުން، 21 އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެންވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ހަޒުރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.
22 ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން، 23 ކެތްތެރިކަމާއި އަމިއްލަ ނަފްސުގެ ހިފެހެއްޓުންތެރިކަމާ ދެކޮޅަށް އޮތް އެއްވެސް ގަވާއިދެއް އަމުރުފުޅެއް ނެތެވެ. 24 އީސާގެފާނަށް އީމާންވީ މީހުން އެމީހުންގެ ކިބައިގައި ހުރި އަމިއްލަ ނަފްސުގެ ބޭނުންތަކާ އެދުންތައްފަދަ ކަންތައް ސަލީބަށް އަރުވައި މަރާލައިފިއެވެ. 25 މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް އާ ދިރުމެއް ދެއްވައިފިއެވެ. ވީމާ އެރޫޙުފުޅުގެ އެންގުމާ އެއްގޮތަށް އަހަރެމެން ކަންތައް ކުރަމާ ހިނގާށެވެ. 26 ވީމާ ބޮޑާވެ ކިބުރުވެރިވެ، މީހުން ހިތުގައި ޖައްސައި، އެކަކު އަނެކަކާ މެދު ހަސަދަވެރި ނުވާށެވެ.